އަމިއްލަ ގޯތީގައި ގެދޮރުއެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް 5 ޕަސެންޓްގެ ކުޑަ ޕްރޮފިޓް މާޖިންއެއްގައި ވަރަށް އަވަހަށް ލޯނު ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
މުލަކަތޮޅު މުލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އަމިއްލަ ގޯތީގައި ގެދޮރުއެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ސަރުކާރުން ހުޅުވާލި ފަހި ފުރުސަތެއް ކަމަށެވެ. "މިއަހަރުގެ ލޯނަށް ހޮވޭ މީހުންނަށް ވަރަށް އަވަހަށް ލޯނު ދޫކުރަން ފަށާނަން. އަދި އަންނަ އަހަރަށް މި އެހީ ދޫކުރުމުގެ ފުރުސަތު ހުޅުވާލާނަން،" ރައީސް ވިދާޅުވިއެވެ.
މި ސްކީމް ކުރިއަށް ގެންދަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މިގޮތުން މިއަހަރު ހުޅުވާލި ފުރުސަތުގައި 2,200 އަށްވުރެ ގިނަ ފަރާތަކުން ވަނީ މި ސްކީމަށް އެދި ހުށަހަޅާފައެވެ. ސަރުކާރުން ހާމަކުރި މަޢުލޫމާތުގެ ދަށުން، ކުދި ރަށްތަކަށް ޚާއްސަ "ރަށްވެހި" ސްކީމަށް 1,329 ފޯމު، އަރބަން ސެންޓަރުތަކަށް ޚާއްސަ "ސަހަރު" ސްކީމަށް 586 ފޯމު އަދި ފުރަމާލެއަށް ޚާއްސަކޮށްފައިވާ "ފަހިމާލެ" ސްކީމަށް 341 ފޯމު ލިބިފައިވެއެވެ.
މި ސްކީމްގެ ދަށުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. އެ މަސައްކަތް ސަރުކާރުން ވަނީ ބީއެމްއެލްއާ ހަވާލުކޮށްފައެވެ.
މި ސްކީމަކީ ރާއްޖޭގެ ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި އިތުރު ފިޔަވަޅެކެވެ. މި ސްކީމްގެ ސަބަބުން ގިނަ ރައްޔިތުންނަށް އަމިއްލަ ގޯތީގައި ގެދޮރު އެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.