މުލަކު އަތޮޅު ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ. މި މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. މި މަޝްރޫއުގެ އަގަކީ 93.7 މިލިއަން ރުފިޔާ ކަމަށްވާއިރު، މަސައްކަތް ނިންމުމަށް ދެވިފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.
މަޝްރޫއުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މުއްޠަލިބްގެ އިތުރުން، އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް، މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ނައުފަލް އަދި ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުލް ޢަލީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރަށުގެ މަގުތަކުގެ ވިއުގަ ހަރުދަނާކުރެވިގެންދާނެއެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަކަން ލިބި، ރަށުގެ އުމްރާނީ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.