ތ. ބުރުނީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ބިންގާ މިއަދު އަޅައިފިއެވެ.
މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓަރު މޫސާ ޒަމީރާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުރުންޏަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ބުރުނީ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢު އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ 5.28 މިލިއަން ރުފިޔާއަށް، 250 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި ސެންޓަރު އިމާރާތްކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ.
މި ސެންޓަރު ނިމުމުން ބުރުނީގެ ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އަދި ރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެއެވެ.