ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތ. ބުރުނީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ފަށްޓަވައިދެއްވީ ކޮޅުމަޑުލުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ބުރުނީގައި މި ޚިދުމަތް ފެށިގެން ދިޔައީ ރަށުގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެ ގޮތަށެވެ.
ބީއެމްއެލުން މަޢުލޫމާތު ދެއްވިގޮތުގައި، މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތްތައް ލިބެން ހުންނާނެއެވެ.
އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބުރުނީ ކައުންސިލަށް ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވާފައެވެ. މި ޚިދުމަތް ފެށުމާއެކު ބުރުނީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.