މ. ކޮޅުފުށީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު އެމްޓީސީސީން ވަނީ ފަށައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، އޮނަރަބަލް މޫސާ ޒަމީރެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، އެ ރަށު ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
1485 މީހުންގެ އާބާދީއެއް ދިރިއުޅޭ ކޮޅުފުށީގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަންގިވިނުން ހިމެނެއެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންނަށް ޞިއްޙީ އަދި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
4.61 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ބިންގަނޑު ކޮނުމާއި، މެޝިނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި، ފުރާޅު ހަރުކުރުމާއި، ދަވާދު ލުމުގެ މަސައްކަތްތައް ހިމެނެއެވެ. މި މަޝްރޫޢު 240 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.