ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިހާރު ކުރިއަށްދާ ޤައުމީ އޮޕަރޭޝަންގެ ދަށުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ބޮޑު ރެއިޑެއްގައި 81 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވިގޮތުގައި، މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންދެވުނު މި ރެއިޑުގައި ޖުމްލަ 463 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި ޖުމްލަ 932 ބިދޭސީން ޗެކްކުރެވުނު އިރު، އޭގެ ތެރެއިން 81 ބިދޭސީއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބައެއްކަން ވަނީ ފާހަގަކުރެވިފައެވެ.
މީގެއިތުރުން، މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިޔަކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ވަނީ ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައެވެ. މި ތަންތަނާމެދު އިތުރު ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ދިވެހި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެމުންދާ މައްސަލައެކެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ގަވާއިދާ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޙައްޤުތައް ހިމާޔަތްކޮށް، ޤާނޫނާ ގަވާއިދާ ޚިލާފަށް ހިންގާ ޙަރަކާތްތައް ހުއްޓުވުމަށްޓަކައެވެ.