ތ. ވިލުފުށީ މަގުހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 59.89 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. މި މަޝްރޫޢުގެ މަސައްކަތްތައް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޘީމް އެވެ.
މި މަޝްރޫޢުގެ ދަށުން ވިލުފުށީގެ މަގުތައް ތަރައްޤީކޮށް، ރަށުގެ މަގުތަކުގެ ވަށައިގެންވާ ސަރަހައްދު ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެވިގެންދާނެއެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ ގިނަ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.