މަޑިފުށީ ސްކޫލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މަޑިފުށީ ސްކޫލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ތ. މަޑިފުށީ ސްކޫލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު އެމްޓީސީސީން ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއާއި، މަޑިފުށީ ކައުންސިލްގެ ރައީސްއާއި މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

1،454 މީހުންގެ އާބާދީއެއް އޮންނަ މަޑިފުށީގައި މި އިމާރާތް ނިމުމުން، މިހާރު ސްކޫލް ކުދިންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބި، ކިޔަވާ ކުދިންނަށް އިތުރު ލުއިފަސޭހަތަކަކާއި ކުރިއެރުންތައް ލިބިގެންދާނެއެވެ. 57 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން މަލްޓިޕާޕަސް ހޯލްއަކާއި އައު ކްލާސްރޫމްތަކެއް ހިމެނޭ 3 ބުރީގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު 420 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނު ފަހުން، ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. މިކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

މިއަދު އޮންލައިން