ވިލުފުށީގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ވިލުފުށީގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

ވިލުފުށީގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި، ވިލުފުށީގައި ބޯހިޔާވަހިކަމުގެ މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. މީގެ ތެރޭގައި އަމިއްލަ ގޯތީގައި ގެ އެޅުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާއި، މިހާރު ހަވާލުކޮށްފައިވާ 100 ޔުނިޓްގެ ޔުޓިލިޓީގެ މައްސަލަތައް ހައްލުކޮށް މި އަހަރު ތެރޭގައި ހަވާލުކުރުން ހިމެނެއެވެ.

ސުނާމީއާ ގުޅިގެން ހަދާފައިވާ 40 މީހުންގެ ލިސްޓެއްގައި ހިމެނޭ ފަރާތްތަކަށް މަޝްރޫޢުއަކުން ކޮޓަރި ދިނުމުގެ މައްސަލައަށްވެސް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މައްސަލަ ސަރުކާރުގެ ސިޔާސަތުގެ ދަށުން ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ވިލުފުށީގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި، އެރަށުގެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރުމާއި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްޤީކުރުމުގެ އިތުރުން ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުން ހިމެނެއެވެ. އަދި 1800 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދައުރު ނިމުމުގެ ކުރިން ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ވިލުފުށީ ހޮސްޕިޓަލް ތަރައްޤީކޮށް، އިތުރު ސްޕެޝަލިޓީތަކާއި، އިމާރާތާއި ވަސީލަތްތައް ޤާއިމުކުރުމުގެ މަޝްރޫޢު 18 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ވަގުތީ ހައްލެއްގެ ގޮތުން ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި އަންހެނުންގެ ޚާއްޞަ ދާއިމީ ޑޮކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

މިއަދު އޮންލައިން