އެންމެ ބޮޑު އެހީތެރިކަމަކީ ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް ރައްޔިތުން ދެއްވާ ތާޢީދު: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެންމެ ބޮޑު އެހީތެރިކަމަކީ ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް ރައްޔިތުން ދެއްވާ ތާޢީދު: ރައީސް

ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް ރައްޔިތުން ދެއްވާ ތާޢީދަކީ އެންމެ ބޮޑު އެހީތެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ފާހަގަކުރެއްވީ ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން އެކަށައެޅި ޕްލޭނާ އެއްގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ވަކި ތަރުތީބަކުން ކުރިއަށްދާ ކަމަށާއި، މިއަހަރު ނުފެށި ހުރި މަޝްރޫޢުތައް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ފެށިގެންދާނެއެވެ. އަދި މި ހުރިހާ ކަމެއްވެސް ކުރެވެނީ ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެ އެއްބާރުލުމާއެކު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެންމެ ބޮޑު އެހީތެރިކަމަކީ ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް ރައްޔިތުން ދެއްވާ ތާޢީދު. އެއީ ފެންނަން ނެތް އެއްޗެއް. އެހެންނަމަވެސް އިހުސާސް ވާއެއްޗެއް. މި ދެންނެވި ލިސްޓުގައި ހުރިކަންކަން ކުރާނަން. އެކަންކަމުގެ ފޮނިމީރުކަން ލިބެނީ ރައްޔިތުން ތިދެއްވާ ތާޢީދު މި ޤާއުމުގައި ހަމަޖެހުން ޤާއިމްކޮށް ތަހުޒީބު ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޤައުމުގެ ކަންކަން ހެޔޮމަގުން ގެންދިއުމަކީ ހުރިހާ ރައްޔިތުންގެވެސް އެދުމެކެވެ. އަދި މިކަން ކުރަން ބޭނުންވަނީ ދަރިންނަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމަށް ކަމަށާއި، މާޒީގައި އޮތް ބަދަލުހިފުމުގެ ރޫޙާއި ތަންތަން ހަލާކުކުރުމުގެ މާޒީ އަލުން އިޔާދަވުމަކީ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

މުސްތަޤުބަލަށްޓަކައި ކަންކަން ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެހީތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން