ދިވެހީން އިސްލާމްދީން ޤަބޫލުކުރުމުގައި ދައްކުވައިދިނީ، ކިޔަމަންތެރިކަމާއި ޞުލްޙަވެރިކަމާއި ބަދަހިކަމާއެކު އެންމެން އެކީ ހެޔޮގޮތް ޚިޔާރުކުރުމުގެ ރީތި ނަމޫނާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، މީގެ 899 އަހަރު ކުރިން ދިވެހީން އިސްލާމްދީން ޤަބޫލުކުރުމުގައި ދައްކުވައިދިނީ ރީތި ނަމޫނާއެއް ކަމަށެވެ.
ރައީސް އިތުރަށް ފާހަގަކުރައްވާފައިވަނީ، އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން މި ޤައުމުގައި ދެމިއޮތީ، ދިވެހިން ޙައްޤުގެ މަގުގައި ތިބި އެއްބައިވަންތަ ބަޔަކަށް ވާތީ ކަމަށެވެ.
"މާދަމާ އަޅުގަނޑުމެންގެ ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީވެސް، މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހީންގެ އަމިއްލަވަންތަ ރީތި ސިފަތައް،" ރައީސް ވިދާޅުވިއެވެ.
އަދި މި އަގުހުރި ތަރިކަ ރައްކައުތެރިކޮށް ދެމެހެއްޓުމުގެ މަތިވެރި ނަޞީބު ހުރިހާ ޒަމާނެއްގައިމެ ދިވެހީންނަށް މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވާ، ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ދެންނެވިއެވެ.