ވިލުފުށީގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ވިލުފުށީގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި

ތ. ވިލުފުށީގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް މިއަދު ވަނީ ފަށައިފައެވެ. މި ޚިދުމަތް ފެށުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ވިލުފުށީގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އެޅުމާއި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ބްރާންޗުގެ ބިންގާ އެޅުމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ގެ އިތުރުން ވިލުފުށީ ދާއިރާގެ މެމްބަރު އަދި ވިލުފުށީ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ. މި ޚިދުމަތް ފެށުމާއެކު ވިލުފުށީ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ޚިދުމަތް ވިލުފުށީގައި ޤާއިމްކުރުމަކީ އެ ރަށުގެ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންގެ މާލީ މުޢާމަލާތްތަކަށް ލުއިފަސޭހަކަން ގެނެސްދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މި ޚިދުމަތް ފެށުމާއެކު ރަށުގެ އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން