ކަނޑޫދުއަށް ރައީސް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކަނޑޫދުއަށް ރައީސް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

ކޮޅުމަޑުލު ކަނޑޫދުއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް ވަޑައިގަތުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރަށުގެ ތަރައްޤީއަށް މުހިންމު ގިނަ މަޝްރޫޢުތަކެއް ފެށުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ. މި ގޮތުން ރައީސް ވަނީ ކަނޑޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެންމެ އިސް އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ބަހައްޓާ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އަޑުއެއްސެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ރަށުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ދަތުރުފުޅެއް ކަމުގައި ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން