ކަނޑޫދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ރައިސް ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކަނޑޫދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ރައިސް ފަށްޓަވައިދެއްވައިފި

ކޮޅުމަޑުލު ކަނޑޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ކޮޅުމަޑުލުގެ ދަތުރުފުޅުގެ ތެރެއިން ކަނޑޫދޫއަށް ކުރެއްވި ޒިޔާރަތުގައި ކުރިއަށް ގެންދެވުނު ރަސްމިއްޔާތެކެވެ.

ކަނޑޫދޫގައި މި ޚިދުމަތް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ރައީސް .މުޢިއްޒު ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލްގެ ރައީސާ ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބު އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފުގެ އިތުރުން ބޭންކުގެ އެހެނިހެން އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ކޮޅުމަޑުލުގެ އަށް ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެކެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެއިތުރުން ބިލްތަކަށް ފައިސާ ދެއްކުމާއި އެކައުންޓުން އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

މި ޚިދުމަތް ފެށުމާއެކު ކަނޑޫދޫގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި މިއީ އެރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ކުރިއަރައި ދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައިވެސް ބެލެވެއެވެ.

މިއަދު އޮންލައިން