ރެއިޑް އޮޕަރޭޝަންތަކުގައި ތަތުލައިގަނެވޭ ބިދޭސީންނަށް ޤަވާއިދާއި އެއްގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު ދޭނަން: އިމިގްރޭޝަން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރެއިޑް އޮޕަރޭޝަންތަކުގައި ތަތުލައިގަނެވޭ ބިދޭސީންނަށް ޤަވާއިދާއި އެއްގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު ދޭނަން: އިމިގްރޭޝަން

ރެއިޑް އޮޕަރޭޝަންތަކުގައި ހައްޔަރުކުރެވޭ ބިދޭސީންނަށް ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު ދޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑީއާއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަންގެ ޗީފް އިމިގްރޭޝަން އޮފިސަރ އަޙުމަދު މުޖުތަބާ ވިދާޅުވީ، މި އޮޕަރޭޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ކަމަށެވެ. އަދި މި އޮޕަރޭޝަންތަކުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަން ބިދޭސީންނަށް އެހީތެރިވާ ދިވެހިން ހޯދައި، އެފަރާތްތަކާމެދު ތަޙުޤީޤު ހިންގައި ފިޔަވަޅު އަޅާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މި ރެއިޑް އޮޕަރޭޝަންތަކުގައި ޑީޓެއިންކުރަނީ. މިގޮތަށް ޑީޓެއިންކުރެވޭ އެބަ ވަރަށް ގިނަ ފަރާތްތަކެއް. މި ފަރާތްތަކަށް ސަރުކާރުން މީގެ ކުރިން ފަށާފައިވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ތެރެއިން ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު އެބަދެން،" މުޖުތަބާ ވިދާޅުވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން މުޖުތަބާ ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ދިވެހި ފަރާތްތަކަށް ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އެމީހުން ގެންގުޅުމުގެ ފުރުޞަތު އޮތް ކަމަށާއި، ސަރުކާރުން އެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށެވެ.

މުޖުތަބާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަކީ މުހިންމު ކަމެކެވެ. އަދި މިކަމަކީ ޤައުމުގެ އިޤްތިޞާދަށާއި އިޖުތިމާޢީ ރައްކާތެރިކަމަށް ވެސް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން