ކަނޑޫދޫ ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކަނޑޫދޫ ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

ތ. ކަނޑޫދޫ ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކަނޑޫދޫ ކައުންސިލްގެ ރައީސާއި މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

7.49 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 2 މީޓަރު ފުޅާ، 150 މީޓަރު ދިގު މިނުގެ ކޮންކްރީޓް ޖެޓީއެއް ކަނޑޫދޫގައި ހެދުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢު 150 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

432 މީހުންގެ އާބާދީއެއް އޮންނަ ކަނޑޫދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް މި މަޝްރޫޢު ނިމުމުން ޙައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އުމްރާނީ އަދި އިޤްތިޞާދީ ގޮތުން ގިނަގުނަ މަންފާތަކެއް ކުރާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. އަދި ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން