ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތ. ވަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ރައީސް ވަންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެއްވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގެ ތެރޭގައި ވަންދޫގައި ޤާއިމްކުރެވޭ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ، އަލަށް އިމާރާތްކުރެވޭ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި ހަމައެއާއެކު، ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން އަލަށް އިމާރާތްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުވެސް މި ދަތުރުފުޅުގެ ތެރޭގައި ކުރިއަށް ގެންދެވޭނެއެވެ. މި މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢުތަކެކެވެ.