ކޮޅުމަޑުލު ވަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ. މިއީ އެމަނިކުފާނު މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަންދޫއަށް ކުރެއްވި ޒިޔާރަތުގައި ކުރިއަށް ގެންދެވުނު ރަސްމިއްޔާތެކެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ތ. އަތޮޅުގެ 8 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ބައެކެވެ.
ވަންދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ އެރަށުގެ ކައުންސިލްގެ ރައީސަށް ހަނދާނީ ބޭންކު ކާޑެއް ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބު އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފުގެ އިތުރުން ބޭންކުގެ އެހެނިހެން އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޚިދުމަތް ފެށުމާއެކު، ވަންދޫގެ ރައްޔިތުންނަށް 24 ގަޑިއިރު ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ. މީގެ ސަބަބުން ރައްޔިތުންނަށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.