ވަންދޫ ބަނދަރު ތަރައް ޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ވަންދޫ ބަނދަރު ތަރައް ޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

ތ. ވަންދޫ ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ޙަވާލުކުރެވިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

94.27 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 50,291 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 330 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 262 މީޓަރުގެ ބޭރު ތޮށި ލުމާއި، 504 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 100 މީޓަރުގެ ގްރޮއިން ޖެހުމާއި، 1,580 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.

452 މީހުންގެ އާބާދީއެއް އޮންނަ ވަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް މި މަޝްރޫޢު ނިމުމުން ޙައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމުން ރަށް ގިރުމުގެ މައްސަލައަށްވެސް ޙައްލު ލިބިގެންދާނެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. މި މަޝްރޫޢަކީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.

މިއަދު އޮންލައިން