ވިލުފުށީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަ ސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ވިލުފުށީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަ ސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

ތ. ވިލުފުށީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ޙަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޢަބްދުއްރައްޒާޤު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވިލުފުށީ ކައުންސިލްގެ ރައީސް އާއި މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

21.73 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ސްޓޭޑިއަމްގެ ލައިޓިން ހަރުކުރުމާއި ރޮސްޓްރަމް ހެދުމުގެ މަސައްކަތްތައް ކުރެވޭނެއެވެ. މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

2297 މީހުންގެ އާބާދީއެއް އޮންނަ ވިލުފުށީގެ ރައްޔިތުންނަށްޓަކައި މި ތަރައްޤީކުރެވޭ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމުމާއެކު، ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގިނަ ފައިދާތަކެއް ލިބި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށް އެމްޓީސީސީން ޤަބޫލުކުރާކަމަށް ވަނީ ފާހަގަކޮށްފައެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން