ތ. މަޑިފުށީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު އެމްޓީސީސީން ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއި، އެ ރަށު ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
1،459 މީހުންގެ އާބާދީއެއް ދިރިއުޅޭ މަޑިފުށީގައި މި ފެށިގެންދާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިމުމުން، ރަށު ރައްޔިތުންނަށް ސިއްޙީ އަދި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން 4،005 އަކަފޫޓުގެ ސަރަޙައްދެއްގައި، ބިންގަނޑު ކޮނުމާއި، މޭސަނަރީ އަދި ކޮންކްރީޓް މަސައްކަތްތަކާއި، ފުރާޅާއި، ދަވާދު ލުމުގެ މަސައްކަތްތަކާއި، ބޭރު ފަރުމާކުރުމުގެ މަސައްކަތްތައް ކުރެވޭނެއެވެ. 5.34 މިލިއަން ރުފިޔާގެ މި މަޝްރޫޢު 240 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.