ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ. މި ސިނގިރޭޓްތައް އަތުލައިގަނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ޕޯޓުގައި ކުރިއަށްގެންދިޔަ އިންސްޕެކްޝަނެއްގެ ތެރެއިންނެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސިނގިރޭޓްތައް ފެނިފައިވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. އަދި މި ސިނގިރޭޓްތަކުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެ ކަމަށް ވަނީ އަންދާޒާ ކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން ވަނީ ތަހުގީގު ފަށާފައެވެ. އަދި މި ވަގުތު މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއްވިއެވެ.

ފާއިތުވި އަހަރުތަކުގައިވެސް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރަން އުޅުމުގެ އެތައް މައްސަލައެއް ކަސްޓަމްސްއިން ވަނީ ހޯދާފައެވެ. އަދި މިފަދަ މައްސަލަތައް ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން