ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ޚިދުމަތް ޒޯން 4 ގެ ތ. އަތޮޅުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީ އާއި، އަތޮޅު ކައުންސިލްގެ ރައީސް އާއި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން، އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ތ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ޚިދުމަތް ހަފުތާއަކު ހަ ދުވަހު، 2 ސްޕީޑް ފެރީ މެދުވެރިކޮށް، 5 ރޫޓަކުން ލިބިވަޑައިގަންނަވާނެއެވެ. މި ޚިދުމަތުގެ ޝެޑިއުލް އާރް.ޓީ.އެލް ވެބްސައިޓު އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.
އާރް.ޓީ.އެލް ފެރީތަކަކީ 50 ފަސިންޖަރުންނަށް އަރާމުކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. މި އުޅަނދުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީލްޗެއާ ޖާގަ އާއި ސްޓްރެޗާ އަށް ހާއްސަ ޖާގަވެސް ހިމެނެއެވެ.
ތ. އަތޮޅުގައި ޚިދުމަތް ފެށުމާއެކު، މިހާރު ޖުމުލަ 12 އަތޮޅެއްގައި އާރް.ޓީ.އެލްގެ ޚިދުމަތް ލިބެމުންދެއެވެ. އަދި ބާކީ 8 އަތޮޅުގައިވެސް މި ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށް ކުންފުނިން މަޢުލޫމާތު ދެއެވެ.