ވޭމަންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ވޭމަންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

ތ. ވޭމަންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ޙަވާލުކުރެވިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

1270 މީހުންގެ އާބާދީއެއް އޮންނަ ވޭމަންޑޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމުން، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމާއި، ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުވެ، އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.

53 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 55,255 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 236 މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 210 މީޓަރުގެ އައު ބޭރުތޮށްޓަކާއި، 260 މީޓަރުގެ ސަރަޙައްދެއްގައި 2 މީޓަރު ފުޅާ ބްރިޖެއް އަދި 2,480 މީޓަރުގެ ޕޭވްމަންޓެއް ހެދުމާއެކު ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވޭމަންޑޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން