ތ. ވޭމަންޑޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މިއަދު ވަނީ ފަށައިފިއެވެ. މި ޚިދުމަތް ފަށައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ. މި ސިޔާސަތުގެ ދަށުން މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ވަނީ މިދިޔަ ނޮވެމްބަރު 16 ވަނަ ދުވަހު އިފްތިތާޙްކޮށްފައެވެ.
މާލެ ސަރަޙައްދުގައި މިހާރު ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ދެމުން ގެންދެއެވެ. ވޭމަންޑޫގައި މި ފެށުނު ޚިދުމަތާއެކު މިހާރު ވަނީ 16 އަތޮޅަކަށް މި ޚިދުމަތް ފުޅާކުރެވިފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެ އިދާރާގެ އަމާޒެކެވެ. ނަމަވެސް މި އަމާޒަށްވުރެ އަވަހަށް، މިއަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މި ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެ ކަމެއްކަމަށް ސަރުކާރުން ބުނެއެވެ.