ތ.ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭގެ މަސައްކަތް ޓުއަރިޒަމް މަޝްރޫޢުއަކާ އެކުއެކީގައި ކުރިއަށްގެންދިއުމަށް އެކަމަށް ޑިވެލޮޕަރެއް ހޯދުމަށް މިހާރު ހުޅުވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢު ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދިއުމަށްވުރެ، ރަށާއި އެ ސަރަޙައްދަށް ފައިދާ ބޮޑުވާނީ ފަތުރުވެރިކަން އެ އަތޮޅުގައި ފުޅާވާނެފަދަ ގޮތަކަށް މަޝްރޫޢު ކުރިއަށްގެންދެވިގެން ކަމަށެވެ.
މި ކޯޒްވޭ ތަރައްޤީކުރެވެނީ ދެރަށް ދޭތެރޭގައި އޮންނަ އެ އަތޮޅު އެލާ ކިޔާ ފަޅުރަށް ހުރަސްކޮށެވެ. ޓުއަރިޒަމް މަޝްރޫޢުއާއެކު މި މަސައްކަތް ގެންދިއުމުގެ ސަބަބުން ފަރުދީ އަދި އިޤްތިޞާދީ ތަރައްޤީ މުޅި ސަރަޙައްދަށް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"ކްރޮސް ސަބްސިޑީ މޮޑެލްއަށް ގެންދަން ހުޅުވާލާފައިވާނީ. އިތުރު މޮޑެލްތަކަށްވެސް ފުރުޞަތު ލިބޭގޮތަށް ހުޅުވާލާފައިވަނީ. މިއީ އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގެންދެވޭ ބޮޑު ޕްރޮޖެކްޓަކަށް ވާނެ،" ރައީސް ވިދާޅުވިއެވެ.
އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ޓެކުހާއި ފީތަކުން ޑިވެލޮޕަރުންނަށް ބޮޑު ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، އަދި ފަތުރުވެރިކަން ތަރައްޤީކުރާ އިތުރު 5 އަތޮޅެއްގައިވެސް މި މޮޑެލް ކުރިއަށްގެންދަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ފަޅު ހިމެނޭހެން ތ. އަތޮޅުން 9 ރަށެއް ފަތުރުވެރިކަމަށް ދޫކުރުމަށް ސަރުކާރުން މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ އެ ސަރަޙައްދުގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.