މި ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި އިސްލާމްދީން ކުރިއެރުވުމަށް ސަރުކާރުން ރާވާފައިވާ މުހިންމު މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ އާބާދީގެ ނިސްބަތުން މި މަރުކަޒުތަކުގެ ވަސީލަތްތައް ޤާއިމުކުރެވޭނެ ކަމަށެވެ. "އެ ރަށެއްގައި އާބާދީ އޮތް މިންވަރަކުން ފެސިލިޓީތައް ޤާއިމުކުރާނީ. އާބާދީ ކުދި ރަށްރަށް އެބަހުރިކަންވެސް އެނގޭ" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފު އިމާރާތްތައް ޤާއިމުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، އެންމެ ފުރަތަމަ ވަގުފު އިމާރާތްތައް ޤާއިމުކުރެވޭނީ ސިޓީތަކުގައި ކަމަށް ވިދާޅުވިއެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒިކުރު ބޯޑުތައް ހަރުކުރުމުގެ ޚާއްސަ މަޝްރޫޢެއްވެސް ފައްޓަވާނެކަމަށް ރައީސް ހާމަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި ދިވެހިން މިހާތަނަށް ދެމިތިބީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި، ކާބަފައިން އަބްޠާލުން ކުރެއްވި ޖިހާދުން މިއަދާ ހަމައަށް އިސްލާމްދީން ވާރުތަކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެ ދީން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.
ރައީސް އަލިއަޅުވާލެއްވި ގޮތުގައި، ދިވެހި މުޖުތަމަޢުގައި ދީނުގެ ހަމަތައް ނުނެގެހެއްޓޭނަމަ، ޤައުމަށް ގެނެވޭ ޢުމްރާނީ ތަރައްޤީގެ އެއްވެސް ބޭނުމެއް ނެތްކަމަށާއި، އެކަމަށްޓަކައި ހެޔޮލަފާ މީހުން ބިނާކުރުމަކީ މުހިންމު ކަމެކެވެ.