އޮމަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އޮމަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

ކޮޅުމަޑުލު އޮމަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ޚިދުމަތް ފަށައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮމަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލްގެ ރައީސާ ހަވާލުކުރައްވާފައެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އޮމަދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ވެސް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެއިތުރުން ބިލްތަކަށް ފައިސާ ދެއްކުމާއި ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކޮޅުމަޑުލުގެ އަށް ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް، މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން