ތ. އޮމަދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮމަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ސޮއިކުރައްވާފައިވާއިރު، އާރްޑީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޘީމް އެވެ.
ސަރުކާރުން މިހާރު ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް އާރްޑީސީއާ ހަވާލުކުރައްވަމުންނެވެ. މިގޮތުން ކުރިއަށްގެންދާ މަޝްރޫޢުތަކުގައި ރަށްރަށުގެ މަގުތައް ތަރައްޤީކުރެވެމުންދަނީ އެރަށެއްގެ ރައްޔިތުންގެ ބޭނުންތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އޮމަދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވި، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ގާއިމްކުރެވިގެންދާނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ސަބަބުން ރަށުގެ ރީތިކަން އިތުރުވެ، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.