ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތ. ކިނބިދުއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ރައީސް ވަޑައިގަތުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރުމަތީގައި އެއްވެ ތިބެ، އުފާވެރި މަރުޙަބާއެއް ދެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ކިނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެންމެ އިސް އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކިނބިދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތާއި، އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވޭނެއެވެ.
އަދި ހަމަ މި ދަތުރުފުޅުގައި ކިނބިދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމާއި، އެ ރަށުގައި އަލަށް އިމާރާތްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުތަކަކީ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި މަޝްރޫޢުތަކެކެވެ.