ކިނބިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކިނބިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައިފި

ތ. ކިނބިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައި، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ފަށައިފައެވެ. މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކިނބިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މި އަމާޒު ހާސިލުވުމުން، އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ފުލުހުންގެ މަރުކަޒުތައް ރަށްރަށުގައި ގާއިމުކުރުމަކީ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމެއްގެ އިތުރުން، ރަށްރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމެއް ކަމުގައިވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

މިއަދު އޮންލައިން