އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ތ. ކިނބިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ދަނީ އާރްޑީސީއާ ހަވާލުކުރަމުންނެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ކޮންމެ ރަށެއްގެ ވެސް ރައްޔިތުންގެ ބޭނުންތަކާއި އެދުންތަކަށް އިސްކަންދީގެންނެވެ.
މި މަޝްރޫޢުގެ ދަށުން ކިނބިދޫގެ މަގުތައް ތަރައްޤީކުރެވިގެންދާއިރު، ރަށުގެ މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރެވި، މަގުތައް ތާރުއަޅައި ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ ގިނަ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ސަރުކާރުން މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އަމާޒަކަށް ބަހައްޓަނީ ރަށްރަށުގެ އުމްރާނީ ތަރައްޤީއާއެކު، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމެވެ.