ކޮޅުމަޑުލު ކިނބިދޫގައި ކުރިއަށްގެންދިޔަ 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ނިންމާލާފައެވެ. މި މަޝްރޫޢަކީ ސަރުކާރުން 148.2 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާ ކިނބިދުއަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ބައްލަވާލައްވާފައެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
900 އެއްހާ މީހުން ދިރިއުޅޭ ކިނބިދުއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ތެރޭގައި ސަރުކާރުން ވަނީ މި މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އެމްޓީސީސީން ބާރު ދުވެއްޔެއްގައި މަސައްކަތް ކުރިއަށް ގެންގޮސް، މި އަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހު ވަނީ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ.
މި މަޝްރޫޢު ނިމުމާއެކު، ކިނބިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ޙައްލެއް ލިބި، ރަށުގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.