ދިޔަމިގިލިން ރައިސް އަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދިޔަމިގިލިން ރައިސް އަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތ. ދިޔަމިގިލި އަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް އެރަށަށް ޒިޔާރަތްކުރެއްވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ދިޔަމިގިލީގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ދިޔަމިގިލި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ރައްޔިތުންނާވެސް ވަކިން ބައްދަލުކުރައްވާ، އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ދިޔަމިގިލީގެ ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ދެ މުހިންމު މަޝްރޫޢެއް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމާއި، އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށްދާނެއެވެ.

ދިޔަމިގިލީގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ އޭޓީއެމްގެ ޚިދުމަތާއި، ޒުވާނުންނަށް ޚާއްޞަކޮށް މުހިންމުވާނެ ފިޓްނަސް ސެންޓަރުގެ ޚިދުމަތް ލިބިގެންދިއުމަކީ އެރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އެދެމުން އައި ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން