ކޮޅުމަޑުލު ދިޔަމިގިލީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ކޮޅުމަޑުލުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިޔަމިގިއްޔަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސްގެ މި ދަތުރުފުޅުގައި ތ. އަތޮޅުގެ 8 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދިޔަމިގިލީގައި ބޭއްވި ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލްގެ ރައީސަށް ހަވާލުކުރައްވާފައެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދިޔަމިގިލީގައި ޤާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
މި ޚިދުމަތް ފެށުމާއެކު ދިޔަމިގިލީގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ އެރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.