ތ. ދިޔަމިގިލީ މަޑިފުށީ އުފުރިޔާ ކޯޒްވޭ ހެދުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ހަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދެ ރަށުގެ ކައުންސިލް ރައީސުންނާއި މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 1.30 ކިލޯ މީޓަރުގެ ކޯޒްވޭއެއް ހެދިގެންދާނެއެވެ. އަދި 218,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 589 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކަލްވާރު ސެގްމެންޓްސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 262.98 މިލިއަން ރުފިޔާއަށް 1151 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ދިޔަމިގިލީ މަޑިފުށީ ކޯޒްވޭ ހެދިގެން ދިއުމަކީ ދެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. މި ކޯޒްވޭ ހެދިގެން ދިއުމާއެކު، ދެ ރަށަށްވެސް އިޤްތިޞާދީ ގޮތުންނާއި ޢުމްރާނީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ. ޚާއްޞަކޮށް، އެއް ރަށުން އަނެއް ރަށަށް ތަޢުލީމު ހާސިލުކުރަން ދާ ދަރިވަރުންނަށް މިއީ ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެއެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނު ފަހުން، ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.