ތ. ގުރައިދޫއަށް މިއަދު ކުރެއްވި ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް ގުރައިދޫއަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ގުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެންމެ އިސް އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ގުރައިދޫގައި ކުރިއަށްގެންދާ ތިން މުހިންމު މަޝްރޫޢުތަކެއްގެ މަސައްކަތް ފައްޓަވައިދެއްވުމަށް ހަމަޖެހިފައެވެ. އެގޮތުން ގުރައިދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެއްޓެވުމާއި، އެރަށުގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުއްވުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުއްވުން ހިމެނެއެވެ.
މި މަޝްރޫޢުތަކަކީ ގުރައިދޫގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި މަޝްރޫޢުތަކެއް ކަމަށްވާއިރު، މި މަޝްރޫޢުތައް ފެށުމާއެކު ރަށުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.