ގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައިފި

ކޮޅުމަޑުލު ގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގުރައިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން، ގުރައިދޫ ދާއިރާގެ މެމްބަރު އަދި ގުރައިދޫ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ވަނީ އާރްޑީސީއާ ހަވާލުކުރައްވާފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އިސްކަންދެނީ ރަށުގެ ރައްޔިތުންގެ ބޭނުންތަކާއި އެދުންތަކަށް ކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ގުރައިދޫގެ މަގުތައް ތަރައްޤީކުރެވި، ރަށުގެ މަގުތަކުގެ ފެންވަރު މަތިކުރެވިގެންދާނެއެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަކަން ލިބި، ރަށުގެ އާންމު ދިރިއުޅުމަށް ފަހިކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން