ފަނޑިޔާރުންނަކީ އާންމު ރައްޔިތުންނާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިންނަށްވުރެ މަތިވެރި އަޚްލާޤީ މިންގަނޑުތަކެއް ޤާއިމުކުރައްވަންޖެހޭ ބޭފުޅުންކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
ހައިކޯޓަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުކަމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި "ޢިލްމީ ގޮތުން ކިތަންމެ ޤާބިލުކަމަށްވީނަމަވެސް، ނުވަތަ ވިސްނުމުގެ ގޮތުން ކިތަންމެ ތޫނު ނަމަވެސް، ނޫނީ މަސައްކަތުގެ ދުވެލި ކިތަންމެ އަވަސްނަމަވެސް، މި މަސައްކަތްތައް އަދާކުރުމުގައި ރައްކާތެރިކުރަންޖެހޭ ޚާއްޞަ މިންގަނޑުތަކަކާއި ރިޢާޔަތްކުރަންޖެހޭ އުޞޫލުތަކެއް ހުންނަ" ކަމަށް ފާހަގަކުރެއްވިއެވެ.
ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރެއްގެ މަސްއޫލިއްޔަތުތައް އަދާކުރަންޖެހޭނީ އަދުލުވެރިކަމާއި އިންސާފުގެ ހަމަތައް އެންމެ ފުރިހަމައަށް ދެމެހެއްޓެނިވި ގޮތެއްގައި ކަމަށެވެ. އަދި އެހެން ފަރާތްތަކުގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކުރެވޭނެ އުޞޫލުތަކެއްގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުގެ އެދިވަޑައިގަތުމަކީ ރާއްޖޭގެ ފަނޑިޔާރުންނަކީ ރިވެތި ނަމޫނާއެއްގެ ބަޔަކަށް ވުން ކަމަށް ވިދާޅުވިއެވެ. އަދި ފަނޑިޔާރުކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކީވެސް އާންމު ރައްޔިތުންނާއި އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުންނާ ތަފާތު މިންގަނޑެއްގެ އަޚްލާޤެއްގެ ވެރިއަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ވަނީ އިތުރަށް ހާމަކުރައްވާފައެވެ.
ފަނޑިޔާރުންގެ އުޅުންތަކާއި ގުޅުންތަކަކީ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި ހިމެނިފައި އޮންނަންޖެހޭ ކަންކަން ކަމަށް ފާހަގަކުރައްވަމުން، "ޙަޤީޤަތުގައި ވަރަށް ގިނަ ކަންތައްތަކެއް ލިމިޓްކުރަންޖެހޭނެ" ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން، ކޮންމެ ފަނޑިޔާރަކުވެސް އެންމެ މަތީ ދަރަޖައިގައި އަޚްލާޤީ މިންގަނޑުތައް ގެންގުޅުއްވުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރެއްވިއެވެ.