ކޮޅުމަޑުލު ގުރައިދޫގައި ޤާއިމްކުރާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މުހިންމު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، "ގުރައިދޫގައި މިހާރު ކުރިއަށްދާ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް މަޝްރޫޢަކީ އެއަރޕޯޓުގެ މަސައްކަތް" ކަމަށެވެ. އަދި މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާ ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ގުރައިދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އިޤްތިޞާދީ ގޮތުން ރަށަށާއި މުޅި ސަރަހައްދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި މަޝްރޫޢުގެ ސަބަބުން ގުރައިދޫއާއި އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ލިބިގެންދާނެއެވެ.