ކޮޅުމަޑުލު ގުރައިދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގުރައިދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސް ވަޒީރުންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ ގުރައިދޫގެ ސިއްޙީ ޚިދުމަތްތައް ފުޅާކޮށް، ރަށުގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.
ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވުމުން، ރަށުގެ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތްތައް ލިބިގެންދާނެއެވެ. އަދި މިހާރު ޞިއްޙީ ޚިދުމަތް ހޯދުމަށް އެހެން ރަށްރަށަށް ދަތުރުކުރަންޖެހޭ މިންވަރު މަދުވެގެންދާނެ ކަމަށް ބެލެވެއެވެ.