އަންނަ އަހަރު މޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އަންނަ އަހަރު މޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފަށަނީ

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ދެކުނު ކޮރެއާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން، އެ ކުންފުނިން ވަނީ ދެކުނު ކޮރެއާގައި ސޭލްސް އެޖެންޓެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

މޯލްޑިވިއަންއިން ބުނީ މި އައު މަންޒިލަށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އެ ކުންފުނީގެ ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް ފުޅާކުރުމުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ ވީހާވެސް ގިނަ މަންޒިލްތަކަކަށް އެމީހުންގެ ޚިދުމަތް ފުޅާކުރުން ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

ދެކުނު ކޮރެއާގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓެއްގެ ގޮތުގައި ހޮވޭ ފަރާތުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މޯލްޑިވިއަންގެ ޚިދުމަތްތައް އިޝްތިހާރުކުރުމާއި، ދަތުރުފަތުރުގެ ތާވަލާއި ޓިކެޓް އަގުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، އާ ކަސްޓަމަރުން ހޯދުމާއި މިހާރުގެ ކަސްޓަމަރުންނާއެކު ރަނގަޅު ގުޅުމެއް ދެމެހެއްޓުންވެސް ހިމެނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް މޯލްޑިވިއަންއިން އަންގާފައިވެއެވެ. މި އިޢުލާނާއެކު، މޯލްޑިވިއަންގެ ވިއުގައަށް އިތުރުވާ މި އައު މަންޒިލާއެކު، ރާއްޖެއާއި ދެކުނު ކޮރެއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އައު ބާބެއް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން