އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 27.4 ބިލިއަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 27.4 ބިލިއަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.4 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.3 އިންސައްތައިގެ އިތުރުވުމެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީގެ 76.5 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެއީ 20.9 ބިލިއަން ރުފިޔާއެވެ.

ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 102.4 އިންސައްތަ އިތުރުވެފައިވާއިރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 51.1 އިންސައްތަ އިތުރުވެފައިވެއެވެ. އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ މިންވަރުވެސް 15.7 އިންސައްތައިން އިތުރުވެފައިވެއެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 56.6 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.6 އިންސައްތައިގެ އިތުރުވުމެކެވެ.

އާމްދަނީގެ އިތުރުވުމާއެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާގެ އަދަދުވެސް 49.8 އިންސައްތަ އިތުރުވެ، 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން