ގާދިއްފުށީ އޭޓީއެމްގެ ޚިދުމަތް ރައީސް ރަސްމީކޮށް ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ގާދިއްފުށީ އޭޓީއެމްގެ ޚިދުމަތް ރައީސް ރަސްމީކޮށް ފަށްޓަވައިދެއްވައިފި

ކޮޅުމަޑުލު ގާދިއްފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ގާދިއްފުށީގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ. އަދި މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު ރައީސް ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލްގެ ރައީސަށް ހަވާލުކުރައްވާފައެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވިގޮތުގައި، ގާދިއްފުށީގައި ޤާއިމްކޮށްފައިވާ އޭޓީއެމްއިން 24 ގަޑިއިރު ތެރޭގައި އެކި ޚިދުމަތްތައް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް ހިމެނެއެވެ. މި ޚިދުމަތްތައް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ލިބޭނެއެވެ.

ގާދިއްފުށީގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް މިހާރު ވަނީ ފުޅާކުރެވިފައެވެ. މިއީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔا މުހިންމު ކުރިއެރުމެކެވެ.

މި ޚިދުމަތް ފެށުމާއެކު ގާދިއްފުށީގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި މިއީ އެރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމުގައިވެސް ބެލެވެއެވެ.

މިއަދު އޮންލައިން