ބޭންކް އޮފް މޯލްޑިވްސްއިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު 13 ރަށަކަށް ވަޑައިގަންނަވާއިރު، މީގެ ތެރެއިން މިހާތަނަށް އޭޓީއެމް ޚިދުމަތް ފެށިފައި ނުވާ 9 ރަށެއްގައި މިހާރު ވަނީ އޭޓީއެމް ޚިދުމަތް ފަށާފައެވެ.
މި މަޝްރޫޢުގެ ދަށުން އަލަށް އޭޓީއެމް ޚިދުމަތް ފެށިފައިވާ ރަށްތަކުގެ ތެރޭގައި ތ. ބުރުނި، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ކަނޑޫދޫ، ތ. ވަންދޫ، ތ. އޮމަދޫ، ތ. ކިނބިދޫ، ތ. ދިޔަމިގިލި އަދި ތ. ގާދިއްފުށި ހިމެނެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ތ. ވިލުފުށީގައި ބީއެމްއެލްގެ ބްރާންޗުގެ އައު އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން "މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" ނަމުގައި މި ޚާއްސަ މަޝްރޫޢު ފެށިފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް ތ. އަތޮޅު ހިމެނޭހެން 14 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ފެށިފައެވެ.
ޤައުމީ ބޭންކުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ އިތުރު ފިޔަވަހީގެ ގޮތުގައި ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.