ކާށިމާ އަޙްމަދު ޝާކިރަށް ޝާރިޖާގެ އަމީރުގެ ފަރާތްޕުޅުން ޝަރަފުވެރި ރާވީގެ އެވޯޑެއް ލިބިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކާށިމާ އަޙްމަދު ޝާކިރަށް ޝާރިޖާގެ އަމީރުގެ ފަރާތްޕުޅުން ޝަރަފުވެރި ރާވީގެ އެވޯޑެއް ލިބިވަޑައިގެންފި

ދިވެހި ޤައުމިއްޔަތުގެ ތާރީޚުގެ އިސްވާރު ކާށިމާ އަޙްމަދު ޝާކިރަށް ޝާރިޖާގެ އަމީރު އައްޝައިޚު އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީގެ އަތްޕުޅުން 2025 ވަނަ އަހަރުގެ ޝަރަފުވެރި ރާވީގެ އެވޯޑު ލިބިވަޑައިގެންފިއެވެ.

މި އެވޯޑު ދެއްވީ ޝާރިޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުގެ ފަރާތުން އިންތިޒާމުކުރައްވައިގެން މި މަހުގެ 22 އިން 26 އަށް ކުރިޔަށްގެންދަވާ ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގެ ތެރެއިންނެވެ. މި ފޯރަމަކީ ޝާރިޖާގެ އަމީރުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިޔަށްގެންދަވާ ފޯރަމެކެވެ.

ޝަރަފުވެރި ރާވީގެ އެވޯޑަކީ ޤައުމެއްގެ ތަރިކައިގެ ދާއިރާއަށް އެ ބޭފުޅަކު ކުރައްވާފައިވާ މަސައްކަތްތަކާއި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވޭ ޝަރަފުވެރި އެވޯޑެކެވެ. މި އެވޯޑު ދެއްވަނީ އެ ބޭފުޅަކީ އެ ޤައުމެއްގެ ތަރިކައިގެ ދާއިރާގެ ޚާޒާނާއެއްކަމަށް އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ފަރާތްތަކަށެވެ.

ކާށިމާ އަޙްމަދު ޝާކިރަކީ ދިވެހި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ޤަރުނު ފޮތުގެ ސިލްސިލާ ހިމެނެއެވެ. މީގެ އިތުރުން އެތައް ބޭފުޅުންނެއްގެ ހަޔާތުނާމާތައް ލިޔުއްވައި، ދިވެހި ތާރީޚު ދިރާސާކުރުމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.

މި އެވޯޑު ލިބިވަޑައިގަތުމާ ގުޅިގެން ދިވެހިރާއްޖޭގެ ތާރީޚީ ދިރާސާތަކުގެ ދާއިރާއަށް އިތުރު ހިތްވަރަކާއި ފަޚުރުވެރިކަމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން