ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮޅުމަޑުލު ތިމަރަފުށްޓަށް ވަޑައިގެންނެވިއެވެ. ތިމަރަފުށްޓަކީ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި އެންމެ ފަހު ރަށެވެ.
ރައީސުލްޖުމްހޫރިއްޔާ ތިމަރަފުށްޓަށް ވަޑައިގަތުމާ ގުޅިގެން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ނުކުމެ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ތިމަރަފުށީގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްރޫޢުތަކެއް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ތިމަރަފުށީ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ފެއްޓެވުމާއި، އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން ހިމެނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ތިމަރަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އާންމު ރައްޔިތުންނާވެސް ބައްދަލުކުރައްވާ، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި، ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.