އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިސްރާއީލުގެ ބޮޑުވަޒީރު ތަޤުރީރުކުރަން ފެށުމާއެކު، ދިވެހި ޑެލިގޭޝަން ވަނީ ހޯލް ދޫކޮށް ނިކުމެފައެވެ. މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ.
ޚާރިޖީ ވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ވަކާލާތުކުރުމުގައި" ކަމަށެވެ.
ދިވެހި ސަރުކާރުން ވަނީ، އިސްރާއީލުން ޣައްޒާގެ ކުށެއްނެތް އާންމު ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކާއި، ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ އިތުރަށް ފުޅާވިޔަނުދީ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރު ކުރުމަށް ގޮވާލާފައެވެ. އަދި މިކަމުގައި ޤައުމުތަކުން އެކުވެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާފައިވެއެވެ.
ދިވެހި ސަރުކާރުން ދެކޭގޮތުގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް އަދި އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިގެންވާނެފަދަ އަމަލުތަކެއް ނޫނެވެ.
އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށްވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.