ތިމަރަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ތިމަރަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

ތ. ތިމަރަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ތިމަރަފުށީ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

3000 މީހުންގެ އާބާދީއެއް އޮންނަ ތިމަރަފުށްޓަކީ ވިޔަފާރިވެރިން ގިނަ، ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެކެވެ. މިހާރު ރަށުގައި އޮންނަ ބަނދަރުގެ ޖާގަ ކުޑަވުމާ ގުޅިގެން، މުދާ އުފުލައި ބަރުކުރުމުގައާއި، ރަށަށް އަރައިފޭބުމުގައި ރައްޔިތުންނަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

މި މަޝްރޫޢުގެ ދަށުން، 71,902 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 644 މީޓަރުގެ އެއްގަމުތޮށި ލުމާއި، 203.50 މީޓަރުގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން، 543 މީޓަރުގެ ރިވެޓްމެންޓާއި، 92 މީޓަރުގެ ގްރޮއިން އަދި 3200 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި 40 މީޓަރު ދިގު، 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

113.56 މިލިއަން ރުފިޔާގެ މި މަޝްރޫޢު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެމްޓީސީސީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން