މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ.
ތ. ގުރައިދޫގައި މަސްވެރިންނަށް ޚާއްސަކޮށްގެން ސަރުކާރުން ހުޅުވި ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުން މަސްވެރިންނަށް ޚާއްސަކޮށްގެން ހުޅުވި މިފަދަ ފުރަތަމަ ސެންޓަރެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އިތުރު ސެންޓަރުތައް ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅެކެވެ. އަދި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޚާއްސަ ސިޔާސަތުތައް އެކުލަވާލައްވައި ތަންފީޒުކުރައްވަމުންވެސް ގެންދަވައެވެ.
މި ގޮތުން ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އޮޑިއެއްގައި އެންމެ މަދުވެގެން އެއް ރެސްކިއު ޑައިވަރު ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު އެކަނިވެސް 56 ޑައިވަރުން ތަމްރީނުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިތުރު ޑައިވަރުން ތަމްރީނުކުރުމުގެ މަސައްކަތް މި އަހަރުވެސް ކުރިއަށްދާކަން އެމަނިކުފާނު ވިދާޅުވިއެވެ.
"މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުކުރާ މުހިއްމު އެތައް މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުންދޭ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.